Ads by Farudhun

ޚަބަރު

6 ރަށެއްގައި ކުނިން ކާދު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް

6 ރަށެއްގައި ކުނިން ކާދު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް

ކުނިން ކާދު އުފެއްދުން ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 10:37

16 ޖުލައި 2026، 10:37

ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުނިން ކާދު ހެދުމުގެ ޕައިލެޓް މަސައްކަތް 6 ރަށެއްގައި ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވީ، ރަށްރަށުގައި އުފެދޭ ކުނީގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ފަނާވާ ޒާތުގެ ކުނި ކަމަށެވެ. އެހެންކަމުން މިތަކެތި ބޭކާރު ގޮތުގައި އުކާލުމުގެ ބަދަލުގައި، އޭގެއިން ނަފާ ލިބޭނެ ގޮތަކަށް ކާދު ހެދުމުގެ ޓެކްނޮލޮޖީ މިހާރު ވަނީ 6 ރަށެއްގައި އިންސްޓޯލްކޮށް، އަމަލީ މަސައްކަތް ފަށާފައެވެ.

ކުނިން ކާދު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ 6 ރަށަކީ:

  • މ. ކޮޅުފުށި
  • ޅ. ކުރެންދޫ
  • މ. މުލި
  • ދ. ކުޑަހުވަދޫ
  • ތ. ތިމަރަފުށި
  • ލ. ދަނބިދޫ


ނިޒާމު ވިދާޅުވި ގޮތުގައި، އަތޮޅުތެރޭގެ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 88 ރަށަކަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ފޯރުކޮށްދީފައެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަނީ މުޅި ރާއްޖެ 7 ޒޯނަކަށް ބަހާލައިގެން ކަމަށާއި، ކުނި އުފެދޭ މިންވަރަށް ބަލައި ބައެއް ޒޯންތައް އެއްކޮށްލައިގެން މެނޭޖުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގެ އިތުރުން، ޖަލުތަކުގައި އުފެދޭ ކުނި މެނޭޖުކުރުމަށްވެސް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ސޮނެވާ ނަމޫނާ ގުޅިގެން ޖަލުތަކުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމުގެ އެއްބަސްވުމެއް އެކުލަވާލައި، އެ މަސައްކަތްވެސް މިހާރު ދަނީ ކާމިޔާބުކަމާއެކު ކުރިއަށެވެ.

ސަރުކާރުގެ މި ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން، ކުނިން ހަކަތަ އުފެއްދުމާއި ކުނި އަލުން ބޭނުންކުރެވޭނެ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދަނީ ކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450