ކުޅިވަރު / ދުނިޔެ

ދަތްބާރުކޮށްލައިގެން ތިބޭ، ވޭތުވެދިޔަ ހަތަރު އަހަރު އަހަރެމެންނަކީ އެންމެ މޮޅު ޓީމު: މެސީ

ދަތްބާރުކޮށްލައިގެން ތިބޭ، ވޭތުވެދިޔަ ހަތަރު އަހަރު އަހަރެމެންނަކީ އެންމެ މޮޅު ޓީމު: މެސީ

ލިއޮނަލް މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 12:40

16 ޖުލައި 2026، 12:40

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ފީފާއިން ވަކިފަރާތަކަށް ޖެހިގެން އެހީތެރިވަމުންދާ ކަމަށް ބުނެ ކުރިމަތިވަމުންދާ ތުހުމަތުތަކަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރުގަދަ ރައްދެއް ދީފިއެވެ.

މި ފަހަރުގެ މުބާރާތް ފެށުނީއްސުރެ "މިއީ ރޭވުމެއް" ކަމަށާއި، ފީފާއިން ބޭނުންވަނީ މެސީއަށް ކާމިޔާބު ހޯދައިދޭން ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އެކި ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. މި ތުހުމަތުތައް ބޮޑުވީ އަލްޖީރިއާ މެޗުގައި މެސީ ކުރި ނުރައްކާތެރި ފައުލަކަށް ފިޔަވަޅު ނޭޅުމާއި، މިޞްރާއި ސްވިޒަލޭންޑް މެޗުގައި ވީއޭއާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެންނެވެ.

މި ވާހަކަތަކަށް ރައްދުދެމުން މެސީ ބުނީ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރުމަކީ އެ ޓީމުގެ މޮޅުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. "ކޮންމެމީހާކު  ކިތަންމެ ހިތްހަމަނުޖެހުނަސް، މީހުން ކޮންމެ އެއްޗެކޭ ކީ ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރު އަހަރެމެންނަކީ އެންމެ މޮޅު ޓީމު. އަހަރެމެން މި ހޯދި ކާމިޔާބީއަކީ އިއްތިފާގަކުން ލިބުނު އެއްޗެއް ނޫން. އަދި އެއްވެސް މީހަކު އަހަރެމެންނަށް ހިލޭ ދިން އެއްޗެއްވެސް ނޫން،" އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ބުދަ ދުވަހުގެ ރޭ އެޓްލާންޓާގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އިންގްލެންޑުގެ އެންތަނީ ގޯޑަން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. މެސީ ދިން ދެ އެސިސްޓުން މި ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒްއެވެ.

މެސީ ބުނި ގޮތުގައި އިންގްލެންޑް އަތުން ބަލިވި ނަމަ، ފާޑުކިޔާ މީހުން ބޭކާރު ވާހަކަތައް ދައްކާނެ ކަމަށާއި ނަމަވެސް އެ ފުރުޞަތު އެމީހުންނަށް ނުދިނީ ކަމަށެވެ. އަދި މި މޮޅު އޭނާ ވަނީ މީގެ 40 އަހަރު ކުރިން އިންގްލެންޑާ ދެކޮޅަށް ތާރީޚީ ކުޅުމެއް ދެއްކި ލެޖެންޑް ޑިއޭގޯ މަރަޑޯނާއަށް ހަދިޔާކޮށްފައެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި މިއަދު ޑިއޭގޯ އުޑުމަތީގައި ހުރެގެން ވަރަށް ބޮޑަށް އުފާކުރާނެ. މިއީ އޭނާއަށް ދެވުނު ހަދިޔާއެއް،" މެސީ އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450