ޚަބަރު
ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސެންޓާރާ ލެގޫންއާއެކު އެއްބަސްވުމެއް
ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މަސައްކަތުގެ މާހައުލަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ސެންޓާރާ ލެގޫން މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަރ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުނެވެ. އެއްބަސްވުމުގައި ސޮއިކުރެވުނީ 14 ޖުލައި 2026 ގައި، އެކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝްއެވެ. އަދި ސެންޓާރާ ލެގޫން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސެންޓާރާ މިރާޖް އަދި ގްރާންޑްގެ އެކްޓިންގ ކްލަސްޓަރ ޖެނަރަލް މެނޭޖަރ ހޯރހޭ ފަރނަންޑޭޒްއެވެ.
Ministry of Homeland Security, Labour and Technology, through the Sustainable and Integrated Labour Services (SAILS) Project, signed an MoU with Centara Grand Lagoon Maldives and Centara Mirage Lagoon Maldives to expand employment opportunities for Maldivian youth through… pic.twitter.com/h9D5yeSKmI
— Ministry of Homeland Security, Labour & Technology (@HomeMinistrymv) July 15, 2026
2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަސައްކަތެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ، އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައިދިނުމަކީ މި މަޝްރޫއުގެ މައިގަނޑު މަގްސަދުކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން، ކެރިއަރ ގައިޑަންސާއި، ވަޒީފާ ހޯދުމަށް ބޭނުންވާ އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީކުރުމުގެ ތަމްރީނުތަކާއި، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާގެ ދަށުން 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ދަސްވެނިވެފައިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާނެ ޕްރޮގްރާމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރުގެ މުއްދަތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްދިއުމަށް ވެސް ވަނީ ރޭވިފައެވެ. އަދި މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި ދާއިމީ ވަޒީފާއެއް ލިބުމުގެ ފުރުސަތުދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ސީދާ މަސައްކަތުގެ މާޙައުލުން ތަމްރީނު ލިބި، ދާއިމީ ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެ އަމަލީ ފިޔަވަޅެއްގެ ގޮތުގައި ވުޒާރާއިން ސިފަކުރައްވައެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަކަމަށްވާއިރު، ސެންޓާރާ ފަދަ ބައިނަލްއަޤްވާމީ ކުންފުނިތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކުރުމަކީ ދިވެހި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށްދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.