ވިޔަފާރި / ޚަބަރު

ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އަތްގުޅާލައިފި

ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އަތްގުޅާލައިފި

އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކުރުން ފޮޓޯ: ބީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 01:33

16 ޖުލައި 2026، 01:33

ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު  ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން ޒުވާނުންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމެވެ. މި ގުޅުމުގެ ދަށުން މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ މުހިންމު ހިދުމަތްތައް ބީސީސީ މެދުވެރިކޮށް ލިބިގެންދާނެއެވެ.

މި ޕާޓްނަރޝިޕްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށާއި، ޒުވާނުންނަށް ބޭނުންވާ އިލްމާއި އިތުބާރު ހޯދައިދީ، ދެމެހެއްޓެނިވި ބިންގަލެއްގެ މަތީގައި ވިޔަފާރިތައް ބިނާކުރުން ކަމަށެވެ. ބީސީސީއާއެކު މި ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން ވިޔަފާރީގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް އިގްތިސަދެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން މި މަސައްކަތުން ރަންގަޅަށް ހާމަވާ ކަމަށެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގައި ޑިޖިޓަލް ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ބޮޑު ބާރަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' ޕްރޮގްރާމަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ 'ސްވައިޕް' މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450