ކުޅިވަރު
ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ބައެއް ބަލިތައް މެނޭޖުކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި
ތަމްރީނު ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެޗްޕީއޭ
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބައެއް ބަލިތައް މެނޭޖުކުރުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ތަމްރީނު ކުރާނެ މީހުން ތަމްރީނު ކުރުމަށް ނުވަތަ "ޓްރެއިނިންގ އޮފް ޓްރެއިނާސް" އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހިމަބިހި، ޑެންގީ، އަދި އިންފްލުއެންޒާ ފަދަ ބަލިތަކަށް ފަރުވާ ދިނުމުގައި ސިއްޙީ އެންމެ ފުރިހަމަ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ހިންގުނު ތަމްރީންތަކެކެވެ. މި ތަމްރީން ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމަށެވެ.
މި ތަމްރީނުގެ ތެރެއިން ބަލިމީހުންނަށް ފަރުވާދިނުމުގެ އުސޫލުތަކާއި، ބަލި ފެތުރުން ހުއްޓުވުމާއި ކޮންޓްރޯލްކުރުމުގެ އިތުރުން، ބަލިތައް މޮނިޓަރކޮށް ދެނެގަތުމާއި އަދި ކުއްލިއަކަށް ބަލިމަޑުކަމެއް ފެތުރިއްޖެ ހާލަތެއްގައި ތައްޔާރުވެ ތިބޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރުކޮށް، ބަލިތަކަށް ފަރުވާދިނުމުގެ ކަންކަން ހަރުދަނާކުރުމެވެ. މި ތަމްރީން ފުރިހަމަކުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ ސިއްޙީ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މިފަދަ ތަމްރީންތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމް އިތުރަށް ވަރުގަދަވެ، ޢާންމު ސިއްޙަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދިނުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
The Health Protection Agency (HPA), in collaboration with the World Health Organization (WHO) and Dharumavantha Hospital, successfully conducted a Training of Trainers (ToT) on the Clinical Management of Measles, Dengue, and Influenza.
— Health Protection Agency (@HPA_MV) July 16, 2026
The training strengthened participants’… pic.twitter.com/TbsHTiiWkV
މި ޕްރޮގްރާމް ހިންގާފައި މިވަނީ، އަހަރުތަކަކަށްފަހު ރާއްޖޭގައި ހިމިބިހި ފެތުރެމުންދާ ދުވަސްވަރެއްގައެވެ. މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް މިހާރު ކުރިއަށްދާއިރު، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 7،100 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ސިއްހީ އިދާރާތަކުން އަންނަނީ ބަލި ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.