ޚަބަރު
ފޭސް 2 އިން ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ހުޅުމާލެ ފޭސް 2 ގެ އިން ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި، ދިވެހި ފުލުހުންގެ ތުހުމަތުން މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ބުރިކޮށްލިކަމަށް ފުލުހުން ތުހުމަތުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރޭގައި ހުރި ފޯނު ކޭބަލްތަކެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވެލަބުލިގެ / ގދ.ނަޑެއްލާ، ޠާހިރު މުޙައްމަދު (50އ) އެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ހުސްބިމެއްގައި ހުރި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓު އެއިދާރާއަށް ލިބިފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ 12:32 ހާއިރުކަމަށެވެ.
ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައެވެ. އަދި އޭނާ ހައްޔަރުކުރި އިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުންވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހިގީގުކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.