ޚަބަރު
ޒަކާތު ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޒަކާތު ސްކޮލަރޝިޕް 2026 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން
މޯލްޑިވްސް ޒަކާތު ހައުސްއިން ދޭ 2026 ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު އެ އިދާރާއިން އިތުރުކޮށްފިއެވެ.
މިއީ ޝަރުޠުހަމަވާ ވީހާވެސް ގިނަ ކުދިންނަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ކުރިން މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ކަމަށްވީ ނަމަވެސް، މިހާރު ވަނީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. މި ޕްރޮގްރާމަކީ 17 މެއި 2026 އިން ފެށިގެން ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.
މި ސްކޮލަރޝިޕް ސްކީމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޑޮކްޓަރަލް (ލެވެލް 10) ފެންވަރަށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް ޖުމްލަ 40 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި، ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި މިޞްރުގައި ކިޔަވަމުންދާ ދަރިވަރުންނަށް 5 ސްޓައިޕެންޑް ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުޞަތު ހިމެނެއެވެ.
ޒަކާތު ހައުސްއިން ބުނިގޮތުގައި، އިޢުލާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ދާއިރާތަކުގެ އިތުރުންވެސް، ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށް އެހީތެރިވެދޭނެ އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިފަދަ ޕްރޮޕޯޒަލްތައް ހުށަހަޅަންވާނީ އެ އިދާރާގެ ވެބްސައިޓުގައިވާ ޓެމްޕްލޭޓާ އެއްގޮތަށެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ފޮނުވަންޖެހޭނީ [email protected] އީމެއިލް އެޑްރެހަށެވެ. ޒަކާތު ހައުސްއިން ބާރުއަޅަނީ މުއްދަތު ހަމަވުމުގެ ކުރިން ވީހާވެސް ގިނަ ދަރިވަރުން މި ފުރުޞަތުގެ ބޭނުން ހިފުމަށެވެ.