Ads by Farudhun

ޚަބަރު

ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރު ތެރޭ ހޯދައި ދީފި

ފިހާރައަކުން ވަގަށް ނެގި ތަކެތި 24 ގަޑިއިރު ތެރޭ ހޯދައި ދީފި

މިމައްސަލާގައި ފުލުހުން ހައްޔަރުކުރި ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2026، 08:38

16 ޖުލައި 2026، 08:38

ސ. ފޭދޫ ސިޓީ އޮޓޯ ގަރާޖު ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ފުލުހުން ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ވަނީ ހާއްސަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ. އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ހައްޔަރުކުރި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ވަނީ ފެނިފައެވެ. އޭގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެއެވެ. މި ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450