Ads by Farudhun

ޚަބަރު

މާލޭ ނޯތު ހާބަރުގެ ވަކި ކިއުއެއް ހަދާގޮތަށް އުސޫލަށް ބޮޑެތި ބަދަލުތަކެއް

މާލޭ ނޯތު ހާބަރުގެ ވަކި ކިއުއެއް ހަދާގޮތަށް އުސޫލަށް ބޮޑެތި ބަދަލުތަކެއް

މާލޭ ނޯތް ހާބަރު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2026، 09:26

16 ޖުލައި 2026، 09:26

މާލޭ ނޯތު ހާބަރުގައި މުދާ ބަރުކުރުމަށް އުޅަނދުފަހަރު ބަނދަރާ ކައިރިކުރުމަށް ނަން ނޯޓުކޮށް، ކިއުގައި ޖެހުމަށް އޮންނަ އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ މި އާ ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެންނެވެ.

އާ ގަވާއިދުގައިވާ ގޮތުން، ނޯތު ހާބަރުގެ އޭ ޒޯން، ސީ ޒޯން ނުވަތަ އެކްސްޕްރެސް ޒޯނުގެ ތެރެއިން އުޅަނދަކަށް އިހްތިޔާރު ކުރެވޭނީ އެންމެ ކިއުއެކެވެ. މީގެ އިތުރުން، އެއް ދަތުރެއްގެ ގޮތުގައި ބަލާނެ މިންގަނޑުވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެއީ ނޯތު ހާބަރުގެ ޒޯނަކުން ކިއު ތަރުތީބުން ޖާގަ ލިބި، ބަނދަރާ ކައިރިކޮށް މުދާ ބަރުކޮށް ނިމުމަށްފަހު، ދައްކަންޖެހޭ ފައިސާ ދައްކައި ބަނދަރުން ފުރައިގެން ދިއުމެވެ.

ކިއު ހޯލްޑް ކުރުމުގެ ފުރުސަތު އުވާލުން
މި އިސްލާހާއެކު ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، މީގެ ކުރިން ކިއު ހޯލްޑް ކުރެވޭ ގޮތަށް އޮތް އުސޫލު އުވާލުމެވެ. ކުރިން އޮންނަ ގޮތުން ނަމަ، ބަނދަރަށް ކައިރިކުރަން ޖާގަ ދިނުމަށް ގުޅުމުން އެ ވަގުތު ކައިރި ނުކުރެވިއްޖެ ނަމަ، ފަސް ދުވަހުގެ މުއްދަތަކަށް ކިއު ކެންސަލް ނުވެ ހޯލްޑް ކުރެވެއެވެ. ނަމަވެސް، އޭ ޒޯން އަދި ސީ ޒޯނަށް ކުރިން ލިބެމުންދިޔަ މި ފުރުސަތު މިހާރު ވަނީ އުވާލާފައެވެ.

އާ އުސޫލުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކުރެވޭނެއެވެ. އެއަށްފަހު އަމަލުކުރާނީ ކިއުއާ ގުޅޭގޮތުން ކަނޑައެޅިފައިވާ އާންމު އުސޫލުގެ މަތިންނެވެ.

އެމްޕީއެލް އިން މި ބަދަލުތައް ގެނެސްފައިވަނީ، މިދިޔަ މާޗު މަހު ކިއު އުސޫލަށް ގެނައި ބަދަލުތަކުގެ ސަބަބުން އުޅަނދުފަހަރަށް މަހެއްގެ މައްޗަށް ކުރެވޭ ދަތުރުތައް މަދުވެ، އޮޑިވެރިންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި އާ އުސޫލުގެ ސަބަބުން ބަނދަރުގެ ތަރުތީބު ރަނގަޅުވެ، މުދާ އުފުލާ އުޅަނދުފަހަރަށް ލިބޭ ޖާގަތައް ހަމަހަމަކަމާއެކު ހަލުވިކަމާއެކު ދޫކުރެވޭނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450