ޚަބަރު
ތިމަރަފުށީގެ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖެހި، އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
ތިމަރަފުށީ އާ ފުޓްސަލް ދަނޑު. ފޮޓޯ: ތިމަރަފުށީ ސްޕޯޓްސް ކްލަބް
ތިމަރަފުށީގެ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖެހި، އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައި ރާއްޖޭގެ ފުޓްސަލް އަދި ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ފާހަގަކުރެވޭ ތ. ތިމަރަފުށީގެ ޒުވާނުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރަށް މިއަދު ނިމުމެއް އަތުވެއްޖެއެވެ.
އެ ރަށުގައި އަލަށް ތަރައްގީކުރި ޒަމާނީ ފުޓްސަލް ދަނޑު މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ.
މިއީ ރާއްޖޭގައި ފުޓްސަލް ތައާރަފްވީއްސުރެ، މި ކުޅިވަރަށް ލޯބިކުރާ ތިމަރަފުށީގެ ކުޅުންތެރިންނާއި، ޒުވާނުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ ތާރީޚީ ދުވަހެކެވެ.
ރާއްޖޭގެ ފުޓްސަލްގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މި ރަށަށް މި ޒަމާނީ ފުޓްސަލް ދަނޑަކީ ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ.
މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތިމަރަފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ތިމަރަފުށީގެ ޒުވާނުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އިންތިޒާރަކަށް މިއަދަކޯ ނިމުން އައި ދުވަހެކެވެ.
މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމައި، ތިމަރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ މި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި، އެ ރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މި ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެންނެވެ. އެގޮތުން، މި މަޝްރޫއު ނިންމުމަށްޓަކައި އާރްޑީސީގެ ތިމަރަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، ރަށުގެ ރައްޔިތުން ވަނީ އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަށް މަސްދުވަސް ތެރޭ ތިމަރަފުށީ ދަނޑު ނިންމާ ހުޅުވުމަކީ އަދުގެ ރައީސުލްޖުމުހޫރިއްޔާ އަދުގެ ޒުވާނުންނަށް ދޭ އަހައްމިއްޔަތު ކަމުގެ އަލިގަދަ ހެއްކެކެވެ. އަދި ޒުވާނުން ދުޅހެޔޮ ސިއްހހަތެއްގައި ބޭއްތިއްބުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.