ޚަބަރު
އަތޮޅު ތެރޭގެ 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
މިކަމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޞިއްޙަތާއި ބެހޭ ވުޒާރާ
ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އަތޮޅުތެރޭގެ 17 ރަށަކަށް އެންބިއުލަންސް ހަވާލުކޮށްފިއެވެ.
އެންބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އެ ރަށްތަކަށް އެމްބިއުލާންސް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބުރާސްފަތިދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އަތޮޅު ތެރޭގައި 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން ގެނެވުނު އެމްބިއުލާންސްތަކެއް ކަމަށެވެ. އެމްޕީއެލައަށް ހަވާލުކުރެވުނު މި މަޝްރޫޢުގެ ޖުމްލަ އަގަކީ 36.2 މިލިޔަން ރުފިޔާއެވެ.
އެންބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެެއިން، 17 ރަށަކަށް އެންބިއުލަންސް ހަވާލުކޮށްފި.
— Ministry of Health, Family and Welfare (@MoHmv) July 16, 2026
އެންބިއުލަންސް ހަވާލުކުރުމަށް މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި 17 ރަށަކަށް އެންބިއުލަންސް ހަވާލުކޮށްދެއްވީ… pic.twitter.com/s1iGRWJIRH
އަދި ބުރާސްފަތި ދުވަހު ހަވާލުކުރެވުނު 17 އެމްބިއުލާންސްއާއެކު މިހާތަނަށް ވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާ 87 އެމްބިއުލާންސް ހަވާލުކުރެވިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެންބިއުލަންސް ހަވާލުކުރެވުނު ރަށްތަކަކީ:
- ށ.ކޮމަންޑޫ
- ށ.ފޮއްދޫ
- ނ.ހެނބަދޫ
- ބ.ދަރަވަންދޫ
- ބ.ފުޅަދޫ
- ބ.ދޮންފަނު
- ޅ.އޮޅުވެލިފުށި
- ވ.ފުލިދޫ
- ވ.ކެޔޮދޫ
- މ.ވޭވަށު
- އއ.ބޮޑުފޮޅަދޫ
- އއ.ހިމަންދޫ
- އދ.ކުނބުރުދޫ
- އދ.ދަނގެތި
- ލ.ފޮނަދޫ
- ގއ.ކޮނޑޭ
- ގދ.ވާދޫ
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ވާއިރު، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް ޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.