Ads by Farudhun

ޚަބަރު

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާއި ހަވާލުކޮށްފި

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

17 ޖުލައި 2026، 09:58

17 ޖުލައި 2026، 09:58

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިކަމަށް އިޢުލާންކުރުމުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަސް ކުންފުންޏަކާއެވެ. އެ ކުންފުނިތަކަކީ:

  • އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)
  • ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

މި މަޝްރޫޢަކީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަތްފޯރާ ފަށުގައި، ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް ގެދޮރު ގަނެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ހިންގާ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުން / ފޮޓޯ: ޕީއެސްއެމް

ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢަކީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބޯހިޔާވަހިކަމުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެ ކުރިން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

2 ކޮޓަރިތަކުގައި 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450