ޚަބަރު
ސިހުރު އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުކުރު ޚުޠުބާ
އިސްލާމީ މަރުކަޒު---
ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައަކަށް ވާއިރު، ސިހުރު އަމަލީ ގޮތުން ނުހެދި ނަމަވެސް އެ އުނގެނުމާއި އުނގަންނައިދިނުމަކީ ވެސް މީހާ އިސްލާމްދީނުން ބޭރުވެ ކުފުރުވާވަރުގެ ބޮޑު ފާފައެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިއޮތީ ސިހުރުގެ ނުބައިކަމާއި އޭގެ ސަބަބުން ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު އުނގެނުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ: "ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރިކުރައްވައިފައިވާ) އިމްތިޙާނެއްކަމުގައޭ، ފަހެ (ސިހުރު ދަސްކޮށްގެން) ކާފިރު ނުވާށޭ ވިދާޅުވެ (ނަސޭހަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ." މީގެ އިތުރުން، ސިހުރުވެރިޔާއަށް ދުނިޔެ އާއި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް ނެތްކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވަނީ "އަދި ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ."
ސިހުރު ހެދުމަކީ ޝިރުކުގެ ޢަމަލެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، ސިހުރުވެރިޔާ ޝައިޠާނާއާ އެކު ޢަހުދުކަށަވަރު ހިފައި، ނަޖިސް ތަންތަނުގައި ވަގުތު ހޭދަކުރުމާއި، ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުން ފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަ ކަމަށެވެ. އަދި ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވިވަރަކަށް އޭނާގެ ސިހުރުގެ ބާރުގަދަވާކަން ވެސް ޚުޠުބާގައި ފާހަގަކުރިއެވެ.
ބަލިމަޑުކަމެއް ނުވަތަ ކަމެއް ދިމާވުމުން ސިހުރުވެރިންނާއި ކާހިނުންގެ ގާތަށް ދިއުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވާންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ މީހަކު ބުނާ ބަސް ޤަބޫލުކޮށްފި ނަމަ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނަށް އޭނާ ކާފަރުވެއްޖެ ކަމަށް ވެސް ޙަދީޘްގައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ދިމާވާ ކުދިކުދި ކަންތައްތަކަކީ (މިސާލަކަށް ކައިވެނި ލަސްވުން ނުވަތަ ކިޔެވުމުގެ ނަތީޖާ ދަށްވުން) ސިހުރުގެ ސަބަބުން މެދުވެރިވާ ކަންކަން ކަމުގައި ގަބޫލުކޮށް، ވަހުމްތަކުގެ މަގަށް މުސްލިމުން ގޮސްގެން ނުވާނެ ކަމަށެވެ. ސިހުރުގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ ފަސް ނަމާދު ގާއިމުކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި، ގޭތެރޭގައި ސޫރަތުލްބަޤަރާ ކިޔެވުން ކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.
އާއިލާތަކާއި މުޖުތަމަޢުގައި ފިތުނަ އުފެދޭ ގޮތަށް ސިހުރުވެރިންގެ ބަސް ގަބޫލުނުކުރުމަށާއި، ކޮންމެ ކަމެއްގައި ވެސް މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލާފައެވެ.