ޚަބަރު
މ. މުލަކު ހެލްތު ސެންޓަރުގެ މަސައްކަތް އާރްޑީސީއިން ހަލުވިކަމާއެކު ކުރިއަށް ގެންދަނީ
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މ. މުލަކުގައި އިމާރާތްކުރާ ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، އެ މަސައްކަތުގެ ތެރެއިން މިހާރި ކުރިއަށްދަނީ ގްރައުންޑް ބީމް އެޅުމަށް ވަމުންދާ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް މ. މުލަކު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ޓަކައި އާރްޑީސީއާއި ހަވާލުކުރެވުނު މަސައްކަތެކެވެ. މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުކަމަށް ވާއިރު، މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މ. މުލަކުގައި އިމާރާތްކުރާ ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ ގްރައުންޑް ބީމް އެޅުމަށްދަނީ ތައްޔާރުވަމުން.#TeamRDC pic.twitter.com/SnV2GrKShT
— Road Development Corporation Ltd (@rdcmaldives) July 16, 2026
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވާއިރު، މިއީ އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.