ޚަބަރު
ސީއެމްޑީއޭގެ ސީއީއޯއަކަށް މުޙައްމަދު އަޙުމަދު އައްޔަންކޮށްފި
ސީއެމްޑީއޭގެ ސީއީއޯއަކަށް އައްޔަންކުރި މުޙައްމަދު އަޙުމަދު---
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު އަޙްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
މުޙައްމަދު އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ ދިގު ޚިދުމަތުގެ ދައުރުގައި ދައުލަތުގެ އަދި އަމިއްލަ ސެކްޓާގެ ގިނަ އިސް މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ސޮލަރެލް އިންޝުއަރެންސް ހިމެނެއެވެ.
The Capital Market Development Authority is pleased to introduce Mr. Mohamed Ahmed as our new Chief Executive Officer.
— Capital Market Development Authority of Maldives (@CMDA_MV) July 16, 2026
With over four decades of experience in finance, banking, public administration and corporate governance, Mr. Mohamed Ahmed brings extensive leadership and… pic.twitter.com/azXA2DN7Pu
އިޤްތިޞާދީ ތަރައްޤީ އާއި ދައުލަތުގެ މާލިއްޔަތުގެ އިތުރުން މުއައްސަސާތަކުގެ ލީޑަޝިޕްގެ ދާއިރާއިން ފާހަގަކުރެވޭ މުޙައްމަދު އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙުސައިން މަނިކު މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށެވެ.
ސީއެމްޑީއޭއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް ބަލަހައްޓާ މައި އިދާރާއެވެ. މުޙައްމަދު އަޙްމަދުގެ ތަޖުރިބާގެ އަލީގައި އެ އޮތޯރިޓީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.