ޚަބަރު
ފެލިދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް: އެމްޓީސީސީ
މަސައްކަތުގެ ތެރެއިން. ފޮޓޯ؛ އެމްޓީސީސީ
ވ. ފެލިދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން އެ ކުންފުނިން ބުނީ، މިހާރު އެ ތަނުގައި ކުރިއަށް ދަނީ ސެލް ބްލޮކް ކޮލަމްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.
މި އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްރަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
Project Update: Construction of V. Felidhoo Police Station
— MTCC Plc (@MTCCPlc) July 16, 2026
Cell block column works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/Cjzh8fw1Fy
އެތަނުގައި ވަށާފާރު ރޭނުމާއި، އޮފީސް ބްލޮކަކާއި، ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމުކޮށް، އެ ތަނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ، 43 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ. މަޝްރޫއު ނިމުމުން، އެ ރަށަށް ގިނަގުނަ މަންފާތަކަކާއި ނަފާތަކެއް ލިބޭނެ ކަމަށާއި ފުލުހުންގެ މަރުކަޒުގެ ސަބަބުން އެ ރަށުގެ އަމާންކަން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.