Ads by Farudhun

ޚަބަރު

މިޔަރުގެ ދިރާސާތައްކުރާ ހަބެއް ފުވައްމުލަކު ސިޓީގައި ހުޅުވައިފި

މިޔަރުގެ ދިރާސާތައްކުރާ ހަބެއް ފުވައްމުލަކު ސިޓީގައި ހުޅުވައިފި

"ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ހުޅުވުމަށްފަހު މޭޔަރު އެތަން ބައްލަވާލައްވަނީ / ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ޖުލައި 2026، 07:01

17 ޖުލައި 2026، 07:01

ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފުރަތަމަ މަރުކަޒު "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ހަބަކީ ރާއްޖޭގައި ޤާއިމްކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި ތަން ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުއެވެ. މިއީ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން އިސްނަގައިގެން ގާއިމުކުރި ތަނެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ސެންޓަރު މެދުވެރިކޮށް މިޔަރުގެ ދިރާސާތައް ކުރުމާއި، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން ރަށުގެ މުޖުތަމައުއާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ.

މި މަސައްކަތް އިސްވެ ކުރިއަށްގެންދާ "މިޔަރު ޕްރޮގްރާމް" އަކީ 2023 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން އަންނަނީ ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ. އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، ފުވައްމުލަކުގައި ހުޅުވުނު މި ހަބަކީ އެ ޖަމްޢިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ފުވައްމުލަކު ސިޓީއަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ މިޔަރުގެ މަންޒިލަކަށް ހެދުމަށް އެ ސިޓީގެ ކައުންސިލާއި ޑައިވިން ސެންޓަރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑުވެސް ލިބިފައެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުން މިހާރު މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ހާއްސަ ބާވަތްތައް ފުވައްމުލަކު ކަނޑުން ފެންނާތީ، މިއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތައް ކައިރިން ބަލައިލުމަށާއި ޑައިވް ކުރުމަށް ފުވައްމުލަކަށް ޒިޔާރަތްކުރެއެވެ. މި އާ ހަބާއެކު، ފުވައްމުލަކަކީ ހަމައެކަނި މިޔަރު ބަލާލަންދާ މަންޒިލެއްގެ އިތުރުން، މިޔަރުގެ އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450