Ads by Farudhun

ޚަބަރު

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް ސެޕްޓެމްބަރަށް ނިންމަނީ

ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް ސެޕްޓެމްބަރަށް ނިންމަނީ

"ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޑރ ޝާހު ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖުލައި 2026، 09:28

18 ޖުލައި 2026، 09:28

ރާއްޖޭގައި ބޭސް ލިބުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވޭނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ހުސްވުމުގެ މައްސަލަ ހައްލުކުރެވެން އޮތީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އެ ތަކެތީގެ އަދަދު ދުރާލާ ދެނެގަނެވިގެން ކަމަށެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި މިހާރު ކުރިއަށްދާ 'އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް' (އީ.އާރް.ޕީ) ސިސްޓަމާއި 'އީ-ލޮޖިސްޓިކްސް' ސިސްޓަމް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައެވެ.

މި އައު ނިޒާމުގެ ސަބަބުން ލިބިގެންދާނެ ބައެއް ފައިދާތަކުގެ ތެރޭގައި:

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ވަގުތުން ބަލާލެވުން.
  • ރަށްރަށުގެ އާބާދީއާއި ބަލިމީހުންގެ ނިސްބަތަށް ބަލައި ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުން.
  • ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ބޭހުގެ އަންދާޒާ އަދަދުތައް ދެނެގަނެ، ފެންވަރު ރަނގަޅު ބޭސް ގެނައުން.
  • އާންމުންނަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބޭސް ލިބެން ހުރި ފާމަސީތައް ފަސޭހައިން ދެނެގަތުން.

ޑރ. ޝާހު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި މުޅި ނިޒާމުގެ މަސައްކަތްތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. މި ނިޒާމު ފުރިހަމަވުމުން، ވަކިވަކި ރަށްރަށުގައި ހަކުރުބަލި ފަދަ ބަލިތަކަށް ފަރުވާކުރާ މީހުންގެ އަދަދު ދެނެގަނެ، އެ މީހުންނަށް ބޭނުންވާ ބޭސް އެ ރަށަކުން ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސިގެންދާނެއެވެ.

"ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެނބަ އިނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން. އެހެންވީމަ އެ ލެވެލްއަށް އަޅުގަނޑުމެންގެ މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ކުރީމަ އަޅުގަނޑުމެންނަށް ނަންބަރސްތައް ދިމާކޮށް، އެތަންތަނަށް ބޭނުންވާ ބޭސް ސްޓޯ ކުރެވޭނެ."

ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ރާއްޖެއަށް ދަތިވެފައިވާ ބޭސްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، މަދުވެފައިވާ ބޭސްތައް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މިހާރު ލިބުމުގައި ދަތިވެފައިވާ ގިނަ ބޭސްތަކެއް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބިގެންދާނެ ކަމުގެ އުންމީދު އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ފެށޭ އައު ނިޒާމަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ސ

ސައްލޭ

18/07/2026 09:34

ތިޔަ ނިޒާމް 2.0ގެ ދަށުން ހަމަ ޖެހޭނެ.