ކުޅިވަރު / ޚަބަރު
ފްރާންސްގެ އާ ކޯޗަކަށް ޒައިނުއްދީން ޒިދާން ހަމަޖައްސައިފި
ފުޓްބޯލަ ލެގެންޑް ޒައިނުއްދީން ޒިދާން - ފޮޓޯ: ކޯހާ
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް، ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން ހަމަޖައްސަން ނިންމާފައިވާކަން ކަށަވަރުވެއްޖެއެވެ.
ޓްރާންސްފާ މާކެޓުގެ އިތުބާރު ހުރި މަސްދަރެއް ކަމަށްވާ ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި، ޒިދާން ވަނީ ފްރާންސްގެ ކޯޗުކަމާ ހަވާލުވުމަށް ހުށަހެޅި ހުރިހާ ޝަރުތުތަކެއް ގަބޫލުކޮށްފައެވެ. ގައުމީ ޓީމާ ހަވާލުވުމަށްޓަކައި ޒިދާން ވަނީ މީގެ ކުރިން ކްލަބުތަކުން އޭނާއަށް ލިބުނު ގިނަ ހުށަހެޅުންތަކަކަށް ފުރަގަސްދީފައެވެ. އޭނާގެ ހަމައެކަނި އުންމީދަކީ ފްރާންސްގެ ގައުމީ ޓީމަށް އިރުޝާދު ދިނުމެވެ.
ޒިދާންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރާނެ ޓެކްނިކަލް ޓީމު މިހާރު އެކުލަވާލާފައިވާއިރު، އުމުރުން 54 އަހަރުގެ ޒިދާން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.
ޒިދާން މި މަގާމާ ހަވާލުވަނީ މިހާރުގެ ކޯޗު ދިދިއޭ ޑެޝޯމްޕް މަގާމުން ވަކިވުމާ ގުޅިގެންނެވެ. ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗުގައި އިންގްލެންޑާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗަކީ ޑެޝޯމްޕް ފްރާންސްގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ފަހު މެޗެވެ.
ޒިދާންއަކީ ކޯޗިންގ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. އެގޮތުން ރެއާލް މެޑްރިޑަށް ދެ ދައުރެއްގައި (2016-2018 އަދި 2019-2021) އިރުޝާދުދީ، ޖުމްލަ 11 ތަށި އެ ކްލަބަށް ހޯދައިދީފައިވެއެވެ. މީގެ ތެރޭގައި ވިދިވިދިގެން ތިން ފަހަރު ހޯދި ޗެމްޕިއަންސް ލީގާއި، ދެ ސްޕެނިޝް ލީގު ތަށި ހިމެނެއެވެ.
ޑެޝޯމްޕްގެ ބަދަލުގައި ފްރާންސްގެ ކޯޗުކަމަށް ގެންނާނެ އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ފާއިތުވި މަސްތަކުގައިވެސް ބެލެވިފައިވަނީ ޒިދާންއެވެ. އޭނާގެ މި އައު ދަތުރާއެކު ފްރާންސްގެ ފުޓްބޯޅައަށް އައު އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.