ޚަބަރު
ސިހުރު ހެދިކަމުގެ ތުހުމަތުގައި މާލެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި
ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް
ސިހުރު ހެދުމާއި، ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ގެންގުޅުނު ކަމުގެ ތުހުމަތުގައި މާލެއިން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަހައްޓަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.
ފުލުހުން ކޯޓުގައި ވިދާޅުވެފައިވަނީ، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ހިނގި ގޮތުގެ ރިޕޯޓުގެ އިތުރުން މައްސަލައާ ގުޅުންހުރި ފޮޓޯ ރިޕޯޓުތައް ހިމެނެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިސްލާމީ މުޖުތަމައެއްގައި ނުހަނު ސީރިއަސް މައްސަލައަކަށް ވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސިހުރު ހެދުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނާއި އިސްލާމީ ޝަރީއަތުގައި ބޮޑުވެގެންވާ ފާފައަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅަމުންނެވެ.