ޚަބަރު
13 ރަށެއްގައި 2100 ހައުސިންގ ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވާލައިފި
ކުޅުދުއްފުށީގައި ކުރިއަށްގެންދާ 400 ހައުސިންގ ޔުނިޓް މަޝްރޫޢު ފޮޓޯ: ޕީއެސްއެމް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، 13 ރަށެއްގައި 2100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މަޝްރޫޢެކެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުންނެވެ. އެގޮތުން މަޝްރޫޢަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ.
ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެއެވެ. މި މަޝްރޫޢުގައި ތަރައްޤީކުރާނީ 3 ކޮޓަރީގެ، މަދުވެގެން 900 އަކަފޫޓު ހުންނަ އެޕާޓްމަންޓްތަކެކެވެ. އަދި ކޮންމެ ޔުނިޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ދޭންޖެހޭއިރު، އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހުންނަންވާނެއެވެ.
ހައުސިންގ ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:
ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި، ދ. މީދޫ: ކޮންމެ ރަށެއްގައި 100 ޔުނިޓް
ބ. ތުޅާދޫ: 50 ޔުނިޓް
ޅ. ނައިފަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ: ކޮންމެ ތަނެއްގައި 300 ޔުނިޓް
ލ. ގަން، އައްޑޫ ސިޓީ ފޭދޫ: ކޮންމެ ރަށެއްގައި 200 ޔުނިޓް
އައްޑޫ ސިޓީ މަރަދޫ، މަރަދޫ ފޭދޫ: ކޮންމެ ރަށެއްގައި 25 ޔުނިޓް
މި ސްކީމްގެ ދަށުން ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި 1.5 މިލިޔަން ރުފިޔާއަށްވުރެ ބޮޑުނުވާނެ އަގަކަށެވެ. ބާކީ %40 ޔުނިޓް މާކެޓް ރޭޓުގައި ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ލިބިގެންވެއެވެ.
މި މަޝްރޫޢަށް ހިތްވަރު ދިނުމުގެ ގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫޢަށް ބޭނުންވާ ތަކެއްޗާއި މެޝިނަރީ އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާ ކުރެވޭނެ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް [email protected] މެދުވެރިކޮށް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހެޅޭނެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.