Ads by Farudhun

ޚަބަރު

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު މަރާމާތުކޮށް އިތުރަށް ތަރައްގީކުރަނީ

އައްޑޫ އަދި  ފުވައްމުލަކު ނޭޗަރ ޕާކު މަރާމާތުކޮށް އިތުރަށް ތަރައްގީކުރަނީ

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކް ތަރައްގީކުރަން މަޝްވަރާކުރުން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖުލައި 2026، 04:47

18 ޖުލައި 2026، 04:47

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެތަންތަނުގެ ފެންވަރު މަތިކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޚާއްޞަ މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، މަސައްކަތް ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. މި ތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެ ސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހިއްސާވާ އެކި ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީނަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވުނު ތަމްރީނެކެވެ. ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނޭޗަރ ޕާކުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މަޝްރޫޢުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން މި ތަމްރީނުގެ ތެރޭގައި ހިމެނެއެވެ.

މި މުހިންމު މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450