ޚަބަރު
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމައި، މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހު އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މިއީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި މަޝްރޫޢުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އަޅައި، މަގުގެ ނިޝާންތައް ކުރަހައި، މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިންމާލާފައެވެ.
މީގެ އިތުރުން، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމާއި މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެ ސަރަޙައްދުގައި ކުރިއަށްދަނީ ޕާކިންގ ޒޯންތައް ތަރައްޤީކުރުމާއި ދުވާރު ހެދުމުގެ އިތުރުން ބައެއް އެހެނިހެން ފިނިޝިންގ މަސައްކަތްތަކެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސެގްމެންޓު 2 އަދި 3 ގެ ނަރުދަމާގެ މަސައްކަތްތައް މިހާރު ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.