ޚަބަރު
ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މުޙައްމަދު އާބިދު
ހުޅުމާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި އެތަނުގެ ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޕާކިސްތާނުގެ ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހުޅުމާލޭގައި ހުންނަ "ޚާންޖީ" ރެސްޓޯރެންޓްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ވެއިޓަރަކަށް، އެތަނުގެ ކައްކާގެ ގޮތުގައި މަސައްކަތް ކުރި އާބިދު ވަޅިން ހަމަލާދީ މަރާލި މައްސަލައެކެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ގާޒީ އަޙްމަދު ޝާފިޢު ވަނީ އާބިދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.
ޝަރީޢަތުގެ މަރުޙަލާގައި އާބިދު ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ދިފާޢުގައި ބުނެފައިވަނީ، ވެއިޓަރަށް ހަމަލާދެވުނީ ދެމީހުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އަމިއްލަ ނަފުސު ދިފާޢުކުރަން އަތް ހޫރާލި ވަގުތު ކަމަށެވެ. އަދި އެ ވަގުތު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށާއި، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އާބިދު އެ އަމަލު ހިންގީ ގަސްތުގައި ނޫން ކަމަށް ބުނި ނަމަވެސް، އޭނާ ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި އޭނާ ރުޅިވެރިކަމާއެކު ވަޅިން ހަމަލާދިންކަން ހެކިންގެ ހެކިބަހުން އެނގެން އޮތުމުން، އޭނާގެ ދިފާޢީ ބަހަށް ބާރު ނުލިބޭ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އާބިދުގެ ފަރާތުން އެއްވެސް ދިފާޢީ ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ހުށަހަޅާފައެވެ. ރެސްޓޯރެންޓް ތެރޭގައި ހިނގި މި ހަމަނުޖެހުމުގައި ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އަދި މީގެ ކުރިންވެސް މި ދެ މީހުންގެ މެދުގައި ދެބަސްވުންތައް ހިނގާފައިވާކަން އެތަނުގެ މުވައްޒަފުންގެ ވާހަކަތަކުން އެނގެއެވެ.
ގާޒީ ޝާފިޢު ޙުކުމް ކުރެއްވީ އާބިދުގެ މައްޗަށް ދައުވާ ސާބިތުވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށެވެ. މި މައްސަލައިގައި އާބިދަށް އަދަބު ކަނޑައެޅުން އޮންނާނީ މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުގައެވެ.