ދުނިޔެ
އިސްރާއީލުން އުފައްދާ ތަކެތި އެތެރެކުރުން ބެލްޖިއަމްއިން މަނާކޮށްފި
ބެލްޖިއަމް ފޮޓޯ: ގޫގުލް
އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ ބިންތަކަށް ވެރިވެގަނެގެން ހަދާފައިވާ ޣައިރު ގާނޫނީ ކާރުހާނާތަކުގައި އުފައްދާ ތަކެތި ބެލްޖިއަމްއަށް އެތެރެކުރުން މަނާކުރުމަށް އެ ގައުމުގެ ފެޑަރަލް ސަރުކާރުން ނިންމައިފިއެވެ.
ބެލްޖިއަމްގެ ނިއުސް އެޖެންސީ (ބެލްގާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތާރީޚީ ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ އެންމެ ފަހު ބައްދަލުވުމުގައެވެ. މިއީ ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިދިޔަ އަހަރު ބެލްޖިއަމް ސަރުކާރުން ވެފައިވާ އިގުރާރެއް ފުރިހަމަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި ނިންމުމާއެކު ބެލްޖިއަމް ވެފައިވަނީ، ޔޫރަޕްގެ އިއްތިހާދުގެ (އީޔޫ) ފެންވަރުގައި މިކަމާ މެދު ވަކި ގޮތެއް ނުނިމި އޮތް ނަމަވެސް، އަމިއްލައަށް އިސްނަގައިގެން މިފަދަ ފިޔަވަޅުތައް އަޅަމުންދާ ޔޫރަޕްގެ މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މެކްސިމް ޕްރިވޯ ވަނީ އީޔޫގެ ހުރިހާ ގައުމުތަކުން މިފަދަ ފިޔަވަޅެއް ތަންފީޒުކުރުމަށް ބާރުއަޅުއްވައި، އީޔޫ ކޮމިޝަނުން މިކަމުގައި އަމަލީ ސިޔާސަތެއް ނުގެންގުޅޭތީ ފާޑުވިދާޅުވެފައެވެ.
މި ފިޔަވަޅު އެޅުމަށް ބާރު ލިބުނު މުހިންމު ސަބަބުތަކުގެ ތެރޭގައި 'ގްލޯބަލް އެކޯ ލިޓިގޭޝަން ސެންޓަރު' އިން ކުރި ތަހުގީގެއް ހިމެނެއެވެ. 30،000 އަށްވުރެ ގިނަ އެކްސްޕޯޓް ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އެ ސެންޓަރުން ހާމަކުރި ގޮތުގައި، އިސްރާއީލުން ޔޫރަޕަށް ފޮނުވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކޮންމެ ހަ ބާވަތަކުން އެއް ބާވަތަކީ ހިފާފައިވާ ހުޅަނގު އައްސޭރި ނުވަތަ ގޯލާން ހައިޓްސްގައި އުފައްދާ ތަކެތި ކަމަށެވެ. އަދި އިސްރާއީލުން އެ ތަކެތި އެކްސްޕޯޓް ކުރާއިރު، އުފެއްދި އަސްލު ތަން އޮޅުވާލައި، އެއީ އިސްރާއީލުގެ އުފެއްދުންތަކެއްގެ ގޮތުގައި ލޭބަލް ކުރާކަން ވެސް އެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއަކީ އީޔޫއެވެ. މިދިޔަ އަހަރު އެކަނިވެސް 43 ބިލިއަން ޔޫރޯގެ ވިޔަފާރި މުއާމަލާތް އިސްރާއީލާއި އީޔޫއާ ދެމެދު ހިނގާފައިވާއިރު، މީގެ ތެރޭގައި ހިފާފައިވާ ބިންތަކުގައި އުފައްދާ ގިނަ އަދަދެއްގެ ތަކެތި ހިމެނެއެވެ. ބެލްޖިއަމްގެ މި ނިންމުމަކީ އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.