ޚަބަރު
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ފޮޓޯ: އާރްޑީސީ
ނ. ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ރައީސްގެ މި ވަޢުދުފުޅު ފުއްދަވައި، ޕާކުގެ މަސައްކަތް ނިމިގެން ދިއުމަކީ ރަށުގެ އިޖުތިމާޢީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ ކުންފުނިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރުޑީސީން ވިދާޅުވީ، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫޢަށް ޖުމްލަ 420,000 ރުފިޔާ ޚަރަދުވެފައިވާއިރު، ސަރުކާރުން އާރުޑީސީއާއެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 މާރިޗު 2024 ގައެވެ.
މި މަޝްރޫޢުގެ ދަށުން ޕާކު ސަރަހައްދުގައި ލޭންޑްސްކޭޕިންގ އަދި ހާޑްސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ކުޑަކުދިން ކުޅޭނެ ޕާކު ސެޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
ކެނދިކުޅުދޫއަކީ ކުރިން ކުޅުދޫ އަދި ކެނދިކޮޅުގެ ނަމުގައި ދެ ރަށެއްގެ ގޮތުގައި އޮތް ރަށަކަށްވީ ނަމަވެސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މި ދެ ސަރަހައްދަކީ އެއް ފަސްގަނޑެއްގައި އޮތް ދެ އަވަށަށްވާތީ، އެއީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައި 'ކެނދިކުޅުދޫ'ގެ ނަމުން ވަނީ ނަން ދީފައެވެ. މިހާރު ނިމުނު ކުޑަކުދިންގެ ޕާކަކީ އެރަށުގެ ކުޅުދޫ އަވަށުގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބިނާކުރި ތަނެކެވެ.
ނ. ކެނދިކުޅުދޫގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޤާއިމުކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ވަނީ ނިންމާލެވިފައެވެ. #TeamRDC pic.twitter.com/5EgMoS24VZ
— Road Development Corporation Ltd (@rdcmaldives) July 17, 2026