ޚަބަރު
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ގޮވާލައިފި
2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމްގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ
ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލައިފައިވަނީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ދެއްވި ތަޤްރީރެއްގެ ތެރެއިންނެވެ.
މި ތަޣްރީރުދެއްވާފައިވަނީ، އެކުވެނި ދައިލަތްތައް (އ.ދ.)ގެ ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީ.އީ.އައި.އާރް.ޕީ.ޕީ.) އާއި، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ގުޅިގެން "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލާސްޓިންގ ޕީސް" ގެ ނަމުގައި، މިސްރުގެ ޤާހިރާގައި އިއްޔަ ބޭއްވުނު 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމްގައެވެ.
ކޮންފަރެންސްގައި ރާއްޖެއިން ވަނީ، އިސްރާއިލްގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ކުރިއްޔަށް ގެންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ސަފީރު ގޮވާލެއްވިއެވެ.
Maldives reiterates call for recognition of the Palestinian State and to protect the holy sites of Jerusalem at the 2026 UN-OIC Conference on the Question of Jerusalem
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 18, 2026
📃Press Release | https://t.co/9fmO1REiw5 pic.twitter.com/ep0Bzz8VM5
މީގެ އިތުރުން ސަފީރުވަނީ، އ.ދ.ގެ ރިލީފް އެންޑް ވާރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ)އިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އަންރުވާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން އެ އިދާރާއިން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލެއްވިއެވެ.
އަދި ސަފީރުވަނީ، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސްގެންކަން ފާހަގަކުރައްވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައެޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި އެއާއިއެކު، ފަލާސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަންނަންޖެހޭނެކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
1975 ވަނަ އަހަރު އުފެދިގެންދިޔަ، ސީ.އައި.އާރް.ޕީ.ޕީ. އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ. މި ކޮމިޓީއިން އޯ.އައި.ސީ.އާ ގުޅިގެން ވަނީ، 2025 ވަނަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގެ ނަމުގައި ކޮނަފަރެންސެއް ބާއްވާފައެވެ. ް ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި އޯ.އައި.ސީ.ގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި، ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ ޤައުމެއްގެ ގޮތުގައި ބައިވެރިވަމުންނެވެ.