ޚަބަރު
އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއަށް ހަމަކުރުމުގެ މަސައްކަތް ފަށައިފި
ސްޓޭޓް ފާމާ ގެ ފުރަތަމަ ބޭސް ފިހާރަ ފޮޓޯ: ސްޓޭޓް ފާމާ
ތަފާތު އެންޓިބަޔޮޓިކްސް ބޭނުންކުރުމުންވެސް ބޭހަށް ނުގުޑާ ނުވަތަ "އެންޓިބަޔޮޓިކްސް ރެސިސްޓަންސް" މައްސަލަ ހައްލުކުރުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "އެސެންޝަލް ބޭސް" ނުވަތަ ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި "އެޕްރޫވްޑް ޑްރަގް" ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އާންމުކޮށް އޯޑަރުކުރާ ބޭސްތައް ދެނެގަނެ، އެ ލިސްޓު އަޕްގްރޭޑްކޮށް ބޭސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެންޓިބަޔޮޓިކްސްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހަށް ނުގުޑާ މައްސަލައަކީ ދުނިޔެއަށްވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިކަން ހައްލުކުރުމަށް ޞިއްޙީ ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޓިބަޔޮޓިކްސް ބޭނުންކުރުމުގައިވެސް ގެންގުޅެންޖެހޭ މިންގަނޑުތަކަށް އެ ގެންގުޅެވޭނީ، ފަސްޓްލައިން އެންޓިބަޔޮޓިކެއް ދީފައި އޭތި ވޯކް ނުކުރަންޏާ އެއަށް ރެޒިސްޓެންޓް ވަންޏާ ދެން ސެކަންޑް ލައިން. އެހެންކަމަށްވަންޏާވެސް މުޅި ރޭންޖު އަޅުގަނޑުމެންގެ އަތުގައި ކޮންމެވެސް ވަރަކަށް ސްޓޮކްގައި ހުރެގެން އެ ބޭނުންވާ އެންޓިބަޔޮޓިކްސްތައްވެސް އެވެއިލަބަލް ކުރެވޭނެ. އޭގެ ސަބަބުން ބަލި ފަސޭހަވުމަށް އަވަސް ވެގެންދާނެ. ރެޒިސްޓަންސް ރާއްޖޭގައި މަދުވެގެންދާނެ،
ޑރ. ޝާހު ވިދާޅުވިއެވެ.
ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ މަޝްވަރާކޮށް، އެ ރަށެއްގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މީގެ ސަބަބުން ބޭސް އިސްރާފުވުން ކުޑަވެ، ބޭނުންވާ ބޭސް ރަށުން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.
ސްޓޭޓް ފާމާގެ މައިގަނޑު އަމާޒަކީ ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާ ކޮންމެ ބޭހެއްވެސް ހޮސްޕިޓަލް ފާމަސީތަކުން ލިބޭނެކަން ކަށަވަރުކުރުން ކަމަށްވެސް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.