ޚަބަރު
ބަނގުރަލާއި ފައިސާއާއެކު ފުލުހުން ބިދޭސީއަކު ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ފައިސާއާއެކު ދިވެހި ފުލުހުންގެ ހިދުމަތުން ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ 11:55 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އެއީ ސައިކަލެއްގައި މީހަކު ބަނގުރާ ހިފައިގެންދިޔަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް އެ އިދާރާއިން ބުނެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ކައުސަރު ހުސައިން (31އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް މައްސަލައިގެ ރިޕޯޓޫ ލިބުމާއި ގުޅިގެން، ހުޅުމާލޭގެ ފުލުހުން ވަނީ، މިދިލިމަގުން އެ ސައިކަލު ހުއްޓުވައި އެމީހާ ބަލައި ފާސްކޮށްފައެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ތަފާތު ބްރޭންޑްތަކުގެ ޖުމްލަ 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭގެ އިތުރުން، އޭނާގެ އަތުން ވަނީ، 31،375 ދިވެހި ރުފިޔާއާއި، ލަންކާގެ 1,050 ރުޕީސް ފެނިފައިކަން ފުލުހުން ހާމަކުރެއެވެ.
އެ އިދާރާއިން އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.