ޚަބަރު
މީރާގެ ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަން ކުރައްވައިފި
ފާޠިމަތު އަމީޒާ. ފޮޓޯ: އިންޓަނެޓް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގދ.ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ އައްޔަން ކުރައްވައިފިއެވެ.
މި މަޤާމަށް އޭނާ އައްޔަނުކުރައްވާފައިވަނީ، 16 ޖުލައި 2023 ވީ ބުރާސްފަތި ދުވަހުއެވެ.
އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާފައެވެ. މި މަޤާމަށް އޭނާ އައްޔަނުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެ މަޤާމުގައި ހުރިއިރު އޭނާ ވަނީ، ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ގިނަގުނަ މަސައްކަތްތަކެއް ސާބިތުކަމާއެކު ކުރައްވާފައެވެ.
މީގެ އިތުރުން މީރާއަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ، މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ މަޤާމު އަދާކުރައްވާ، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތްކުރައްވާ އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ފާޠިމަތު އަމީޒާވަނީ ، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން، މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގް ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ، އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ވެސް ހާސިލުކުރައްވާފައެވެ.