Ads by Farudhun

ޚަބަރު

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފި

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފި

ޒަކާތް ދޫކުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 01:13

19 ޖުލައި 2026، 01:13

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާގެ ޢަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އަންދާޒާކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި އުސޫލުން ފައިސާ ލިބެމުންދާނަމަ، ރެކޯޑު ޢަދަދަކަށް ފައިސާ ލިބުނު މިދިޔަ އަހަރަށްވުރެ ވެސް މިއަހަރު ލިބޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނައިން މުދަލު ޒަކާތް ލިބުނު އަހަރެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް، މިއަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް 80 މިލިޔަން ރުފިޔާއާ ގާތްކުރާ ޢަދަދަކަށް ފައިސާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް ފާހަގަކުރެއްވި ގޮތުގައި، ޒަކާތުގެ ފައިސާ އިތުރުވަމުންދަނީ އަލަށް އެކުލަވާލެވުނު ޒަކާތު ޤާނޫނާއެކު ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާވެ، ރައްޔިތުންގެ މެދުގައި އިތުބާރާއި ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުންނެވެ. "ކުރިން އެހާ ހޭލުންތެރިކަން ނެތުމުން ޒަކާތް ދައްކާ މީހުންނާއި ލިބޭ ވަރު މަދުވަނީ. މިހާރު ހޭލުންތެރިކަން އިތުރުވޭ،" އިމްތިތާޢު ވިދާޅުވިއެވެ.

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖޫން މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 79.6 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 61.5 މިލިއަން ރުފިޔާއެވެ. މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތަކީ މުދަލުގެ ނިޞާބު ހަމަވާތާ ހިޖުރީ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. މިވަގުތު ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 21،836.50 ރުފިޔާއެވެ.

ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒަކާތުގެ ޤާނޫނު އެކުލަވާލައި، ޒަކާތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށް ޒަކާތުގެ ފައިސާ ދެފުށް ފެންނަ ގޮތެއްގައި ބޭނުންކުރުމުގެ ނިޒާމެއް މިހާރު ވަނީ ޤާއިމުކުރެވިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450