ޚަބަރު
ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފްއިން ނިއްވާލައިފި
މި ހާދިސާގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގައި ރޯވި އަލިފާން، މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގެ، 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގެ ބަދިގޭގައެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެ ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެ އިދާރާއިން މައުލޫމާތުދިން ނަމަވެސް، މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ، މި ހާދިސާގެ ސަބަބުން، އެޕާޓްމަންޓުގެ ބަދިގެއަށް ބައެއް ގެއްލުންތައް ދިމާވެފައިވާ ކަމަށެވެ.
މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އެ އޮތޯރިޓީއިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ. އަދި ރޯވި އަލިފާން މިހާރު ނިއްވާލެވިފައިވީ ނަމަވެސް، އެޕާޓްމަންޓަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ، އެކަން ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.