ކުޅިވަރު / ޚަބަރު

ގިނަ ރަށްތަކެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމަކަށް

ގިނަ ރަށްތަކެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމަކަށް

ގިނަ ރަށްތަކެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

19 ޖުލައި 2026، 08:30

19 ޖުލައި 2026، 08:30

ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މިކަމަށްޓަކައި ޚާރިޖީ ވުޒާރާގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާނެ ސަރުކާރުގެ މުއައްސަސާގެ ހައިސިއްޔަތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރަށްރަށުގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، މުޖުތަމައުގެ އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، އަލަށް ގާއިމުކުރެވޭ މި ސެންޓަރުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ، މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ރެކްރިއޭޝަނަލް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިންޑިއާގެ ސަފީރު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ ވާހަކަފުޅުގައި، މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހިންގޭ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ނިންމަވާލައްވަމުން ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް އިޖުތިމާއީ އަދި ސިއްހީ ގޮތުން ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450