ޚަބަރު
މި މަހު 4,000 އަށްވުރެ ގިނަ ދިވެހިން ޢުމްރާގެ އަޅުކަމަށް ފުރައިފި
އުމްރާވެރިއެއް އެއާރޕޯޓުގައި / ފައިލް ފޮޓޯ: މޯލްޑިވިއަން
މި ހިނގާ ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން 4,000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު، މިއީ އާންމުކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން ޢުމްރާއަށް ދާ ދުވަސްވަރެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، މިހާރު މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.
ސްކޫލް ޗުއްޓީގެ އިތުރުން، ފަހަކަށް އައިސް ރަމަޟާން މަހު ޢުމްރާއަށްދާ ދިވެހިންގެ އަދަދު ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން ޢުމްރާވެރިންގެ އަދަދު އިތުރުވަމުންދިއުމާއެކު، ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކުގެ އަދަދު ވެސް މިހާރު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.
ޢުމްރާއަށް މީހުން ގެންދިއުމުގައި މީގެކުރިން އެކި ކަހަލަ މައްސަލަތައް ކުރިމަތިވެފައިވާތީ، އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިކަމަށް ޚާއްޞަ އުސޫލުތަކެއް ކަނޑައަޅާފައެވެ. މި އުސޫލުތަކުގެ ބޭނުމަކީ ޢުމްރާވެރިންނަށް އެދެވޭ ޚިދުމަތްތަކެއް ކުންފުނިތަކުން ފޯރުކޮށްދޭކަން ކަށަވަރުކުރުމެވެ.
މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާނަމަ ނުވަތަ ކަނޑައަޅާފައިވާ ގަވާއިދުތަކަށް އަމަލުނުކުރާނަމަ، އެފަދަ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.