ޚަބަރު
ހުޅުމާލެ ހޮސްޕިޓަލަށް އައު ޚިދުމަތްތަކެއް އިތުރުކުރަނީ
ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމްގެ ޖާގަ ބޮޑުކޮށް ތަރައްގީކޮށް ހުޅުވުން ފޮޓޯ: ރައީސް އޮފީސް
މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި މުޅިން އައު ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީއީއޯ ޙަލީމް ވިދާޅުވީ، ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއާ އެކަށޭނަ މިންވަރަށް ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާނުކުރައްވާފައިވާ ފަދައިން، ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަލަށް އިތުރުކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްސަ އޯޕީޑީގެ ޚިދުމަތާއި، ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް)، އަދި އީއީޖީގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކެއްގެ އިތުރުން ލޮލުގެ ބަލިތަކުގެ ތެރެއިން "ގްލޮކޯމާ" އަށް ފަރުވާދޭން ފަށާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. މިހާރު ގޮހޮރާއި މައިބަދައިގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ފަރާތްތަކުން އައިޖީއެމްއެޗަށް ދާންޖެހުނު ނަމަވެސް، މި ޚިދުމަތްތަކާއެކު އެކަމަށް ހައްލެއް ލިބޭނެ،
ޙަލީމް
މީގެ އިތުރުން، ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ގޯލްޑް ސްޓޭންޑާޑް" ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުންދާކަންވެސް ހާމަކުރެއްވިއެވެ. މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ މިހާރަށްވުރެ މާ އަވަހަށް ލިބިގެންދާނެއެވެ. އަދި ހޮސްޕިޓަލުން މިހާރު ދެމުންދާ ކެންސަރު ބަލީގެ ފަރުވާތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފާއިތުވި ދުވަސްތަކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒަމާނީ 4 އޮޕަރޭޝަން ތިއޭޓަރާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދޭ 14 އެނދުގެ އެންއައިސީޔޫއެއް ވަނީ ގާއިމުކޮށްފައެވެ. މި ބަދަލުތަކާއެކު އެ ހޮސްޕިޓަލުގެ އީއާރު އެނދުގެ އަދަދު މިހާރު ވަނީ 7 އިން 14 އަށް އިތުރުކުރެވިފައެވެ.