ޚަބަރު
ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ތިލަފުށީ ކުނިގޮނޑުގައި ކުނި އެންދުން ފޮޓޯ: އިންޑިޕެންޑަންޓް
ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖްކުރާ ސައިޓުގައި ރޭގެ ވަގުތެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ، އިތުރަށް ފެތުރިގެން ނުދާނެ ވަރަށް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:20 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ތިލަފުށީ ފަޔަރ ސްޓޭޝަނާއި މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ނަމަވެސް، އަލިފާން ރޯވެފައިވަނީ ކުނިގޮނޑެއްގައި ކަމަށްވާތީ، ކުނިތަކުގެ އަޑީގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރފައިޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.