Ads by Farudhun

ޚަބަރު

މިއަހަރު ޗައިނާއިން ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން

މިއަހަރު ޗައިނާއިން ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 12:39

20 ޖުލައި 2026، 12:39

މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް، ޗައިނާއިން ރާއްޖެއަށް 195،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. 

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައްކުން ދައްކާގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ވެސް ޗައިނާއިންނެވެ. އެއީ ޖުމްލަ 195،363 ފަތުރުވެރިން ކަމަށްވާއިރު، މިއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 17 އިންސައްތައެވެ. މި ދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން ކަމަށްވާއިރު، އެއީ 167،317 ފަތުރުވެރިންނެވެ. މިއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 14.6 އިންސައްތަކަށް ތަފާސްހިސާބުތަކުން ދައްކައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ   އިނގިރޭސިވިލާތުން ކަމަށްވާއިރު، އެއީ 92،727 ފަތުރުވެރިންނެވެ. މިއީ މާކެޓުގެ 8.1 އިންސައްތައެވެ.

ޖުލައި 18 ގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 1،173،922 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، 57،852 ފަތުރުވެރިން ނުވަތަ 4.7 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ ވެސް އަދަދު ވަނީ، 6،190 އިން 5،899 އަށް ތިރިވެފައެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1،158،345 ފަތުރުވެރިން އައިސްފައިވަނީ އެއާޕޯޓުތަކުން ކަމަށްވާއިރު، އޭގެ ތެރެއިން 1،144،392 ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ގަން އެއާޕޯޓް މެދުވެރިކޮށް ކަމަށްވާއިރު އެއީ، 4،355 ފަތުރުވެރިންނެވެ. 

ރާއްޖެއަށް ސީ ޕޯޓު މެދުވެރިކޮށް 15،577 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއީ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ 1.3 އިންސައްތައެވެ.

ޖުމްލަ ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު އައިސްފައިވަނީ ރިސޯޓުތަކަށެވެ. އެއީ 834،816 ފަތުރުވެރިން ކަމަށްވާއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ގޮސްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 262،171 ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 27،523 ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450