ޚަބަރު
އައްސޭރި ޖަލުގައި 35 ބައިވެރިންނާއެކު ޤިރާޢަތު ކޯސް ފަށައިފި
މި ހަރަކާތުގެ ތެރެއިން. ފޮޓޯ: ކަރެކްޝަންސް
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ޤައިދީންނަށް އަމާޒުކޮށް، "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ރަސްމީކޮށް އާދީއްތަ ދުވަހު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ކޯހުގައި މި ފަހަރު ޖުމްލަ 35 ޤައިދީން ބައިވެރިވެފައިކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ 31 ޤައިދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުން 4 ކުޑަކުދިންނެވެ.
މި ޕްރޮގްރާމް މީގެކުރިން ވެސް ކަރެކްޝަންސްއިން ހިންގަމުންދިޔަ ނަމަވެސް، އަލުން ފަށާފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަދުވަސްތަކެއް ވަންދެން ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށްފަހުއެވެ.
ސެޓްފިކެޓް 1 އިން ޤިރާޢަތު ކޯސް އައްސޭރި ޖަލުގައި މިއަދު ފަށައިފި. މި ކޯހުގައި ޖުމްލަ 35 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 31 ޤައިދީންނާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ 4 ކުޑަކުދިން. pic.twitter.com/ysUpSqCij5
— Maldives Correctional Service (@CorrectionsMv) July 19, 2026
ކުރިން ކޯސްތައް ކުރިޔަށް ގެންގޮސްފައިވަނީ ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެން ނަމަވެސް، މިފަހަރުގެ ކޯސް ކުރިއަށްގެންދާނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިންނެވެ. އައިކޯސްޓްއަކީ ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ ތަޢުލީމީ މަރުކަޒެކެވެ.
މި ކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް އަމާޒުކޮށްގެން ކަރެކްޝަންސްއިން ހިންގާ ކޯހެކެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައި ތިބި ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ނެރުމަށްޓަކައި ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މީގެއިތުރުން ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ ކިޔަވަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އަދި މިފަދަ ކޯސްތަކާއެކީ ޤައިދީންގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.