ޚަބަރު
ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ މަސައްކަތް ނިމުމަކާ ގާތަށް
ދިއްދޫގައި ތަރައްޤީކުރާ ރޯހަައުސް ފޮޓޯ: ޕީއެސްއެމް
ހއ. ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގައި ތަރައްޤީ ކުރަމުން އަންނަ 75 ރޯހައުސްގެ މަސައްކަތުގެ 98.55 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
2022 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. ބިނާރާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ ރޯހައުސްތަކުގެ ބަދިގެއާއި ފާޚާނާތައް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. މީގެ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާގެ އިތުރުން ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ހިމެނެއެވެ.
ހއ. ދިއްދޫއަކީ މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5،000 ކަމަށްވީ ނަމަވެސް، ތަޢުލީމާއި ޞިއްޙީ ފަރުވާ ފަދަ ޚިދުމަތްތަކަށް އެ ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު އާބާދީ 7،000 އަށް އަރައެވެ. އާބާދީ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު، ދިއްދުއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ.
ދިއްދޫގައި 75 ރޯހައުސް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ. 120 މިލިޔަން ރުފިޔާގެ މި މަޝްރޫޢަކީ އެ ރަށުގެ ބޯހިޔާވަހިކަމަށް އިތުރުވެގެންދާ މުހިންމު ބޮޅެކެވެ. މީގެ ކުރިން 2008 ވަނަ އަހަރުވެސް އެ ރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރައްޔިތުންނަށް ވަނީ ދޫކޮށްފައެވެ.
ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު pic.twitter.com/jJnfooxfc6
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 20, 2026