Ads by Farudhun

ޚަބަރު

ރ. އަދި ބ. އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި

ރ. އަދި ބ. އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި

ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކުރުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2026، 04:36

20 ޖުލައި 2026، 04:36

 ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ރ. އަތޮޅު ކިނޮޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމުތައް ރަސްމީކޮށް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސެއިންއާއި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު އަދި މާލީ ވުޒާރާއާއި ކިނޮޅަހު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކުރިއަށްގެންދާ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ހިންގުނު މުހިންމު މަސައްކަތެކެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، ސޯލަރ ހަކަތަ ބޭނުންކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖީޑީޕީއިން ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި 25 ރަށުގައި ގާއިމުކުރި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވަރގެ ސާފު ހަކަތަ އުފައްދާނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ.

މި ނިޒާމު އިފްތިތާޙު ކުރި ރަށްތަކުގެ ތެރޭގައި ރ. އަތޮޅުގެ 13 ރަށަކާއި ބ. އަތޮޅުގެ 12 ރަށެއް ހިމެނެއެވެ. މީގެ ތެރޭގައި ރ. އަލިފުށި، މަޑުއްވަރީ، މީދޫ އަދި ބ. އޭދަފުށި، ތުޅާދޫ ފަދަ ބޮޑެތި ރަށްތައް ހިމެނެއެވެ.

މި ނިޒާމް އިފްތިތާޙު ކުރި ރަށްތައް

  • ރ. އަލިފުށި
  • ރ. ވާދޫ
  • ރ. ރަސްގެތީމު
  • ރ. އަނގޮޅިތީމު
  • ރ. މާކުރަތު
  • ރ. ރަސްމާދޫ
  • ރ. އިންނަމާދޫ
  • ރ. މަޑުއްވަރީ
  • ރ. އިނގުރައިދޫ
  • ރ. ފައިނު
  • ރ. މީދޫ
  • ރ. ކިނޮޅަސް
  • ރ. ހުޅުދުއްފާރު
  • ބ. ކުޑަރިކިލު
  • ބ. ކަމަދޫ
  • ބ. ކެންދޫ
  • ބ. ކިހާދޫ
  • ބ. ދޮންފަނު
  • ބ. ދަރަވަންދޫ
  • ބ. މާޅޮސް
  • ބ. އޭދަފުށި
  • ބ. ތުޅާދޫ
  • ބ. ހިތާދޫ
  • ބ. ފުޅަދޫ
  • ބ. ފެހެންދޫ

ޕޮއިސްޑް މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ 160 ރަށެއްގެ ކަރަންޓު ނިޒާމު ހައިބްރިޑް ނިޒާމަށް ބަދަލުކުރުމެވެ. މިހާތަނަށް 97 ރަށެއްގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 23 ރަށެއްގެ މަސައްކަތް 2027 ވަނަ އަހަރަށް ނިމޭނެ ކަމަށް ބެލެވެއެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450