ޚަބަރު
ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުން ޗައިނާގެ ސީ.އެޗް.އީ.ސީ އާ ޙަވާލުކޮށްފި
ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުން ޗައިނާގެ ސީ.އެޗް.އީ.ސީ އާ ޙަވާލުކުރުން ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާ (ސީ.އެޗް.އީ.ސީ) ޙަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ ޙުސައިން ޝަފީޤެވެ. ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ، އަދި 375 މީޓަރު ދިގު މަގަތުފާލަމެއް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން، އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރު ފުން، 820 މީޓަރު ދިގު ޑޮމެސްޓިކް މަގަތު ފާލަމެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ދާއިރާ ކުރިއަރަމުންދާ މިންވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މި މަޝްރޫޢު ނިމުމުން މުދާ ބާލައި ކްލިއަރ ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިވެ، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަހުގެ މުއްދަތު 48 ގަޑިއިރަށް ކުރުވާނެ ކަމަށް އެމް.ޕީ.އެލް އިން ލަފާކުރެއެވެ.
އެމް.ޕީ.އެލް އިން ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބަނދަރު ހެދުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޤާބިލް ކުންފުންޏެއް ކަމަށްވާ ސީ.އެޗް.އީ.ސީ އާ މި މަސައްކަތް ޙަވާލުކުރުމަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް، އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު، ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ މަގަތުފާލަމަކާއި، 2,000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓާމިނަލެއް ހުންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް މި މަޝްރޫޢު ނިންމުމެވެ.
ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ފަރުމާކުރާ މި ބަނދަރު ނިމުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށްވެސް އެމް.ޕީ.އެލް އިން މަޢުލޫމާތު ދެއެވެ.
<
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އާއި ސީ.އެޗް.އީ.ސީ ސޮއިކޮއްފިއެވެ.
— Maldives Ports Limited (@Portmv) July 20, 2026
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ… pic.twitter.com/gZfkmmZ7di