Ads by Farudhun

ޚަބަރު

އެއް އަހަރުގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އުމްރާވުމަށް ސައުދީއަށް ދެވޭގޮތަށް ވިސާ ދޫކުރަން ފަށައިފި

އެއް އަހަރުގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އުމްރާވުމަށް ސައުދީއަށް ދެވޭގޮތަށް ވިސާ ދޫކުރަން ފަށައިފި

ކައުބާގެ ކައިރީގައި ނަމާދުކުރަނީ / ފޮޓޯ: ސައުދީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2026، 07:09

20 ޖުލައި 2026، 07:09

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން، އެއް އަހަރު ދުވަހުގެ މުއްދަތަށް ސައުދީއަށް ގިނަ ފަހަރު ވަދެވޭ ގޮތަށް (މަލްޓިޕަލް އެންޓްރީ) އުމްރާ ވިސާ ދޫކުރަން ފަށައިފިއެވެ. މި ވިސާގެ ދަށުން ވިސާ ދޫކުރާ ތާރީޚުން ފެށިގެން 365 ދުވަހުގެ މުއްދަތަށް، ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް އެކި ފަހަރު މަތިން ސައުދީއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ނިންމުމަކީ "ސައުދީ ވިޝަން 2030" އާއި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ މަގްސަދުތައް ހާސިލްކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ސައުދީ ޕްރެސް އެޖެންސީއިން ވަނީ ހާމަކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ އުމްރާވެރިންނަށް ސައުދީއަށް ދިއުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާއި، އުމްރާގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.

މި ވިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ދަތުރެއްގައިވެސް، 'ނުސުކް ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަދެވިފައިވާ ފަރާތަކުން ސާވިސް ޕެކޭޖެއް ގަންނަން ޖެހޭނެއެވެ. މިގޮތުން ގަންނަ ޕެކޭޖުގެ މުއްދަތު، ވިސާގައި ބާކީ އޮތް ދުވަސްތަކަށް ވުރެ އިތުރުވެގެން ނުވާނެއެވެ. މީގެ އިތުރުން، ސައުދީއަށް އެތެރެވުމުގެ ކުރިން ނުސުކް އެޕް މެދުވެރިކޮށް އުމްރާއަށް ދިއުމުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ވިސާގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ކޮންމެ ފަހަރަކު ސައުދީން ފުރައިގެން ދިއުމުން ވިސާ ޑިއެކްޓިވޭޓް ވާނެއެވެ. އަދި ދެން ކުރާ ދަތުރަށް ވިސާ އަލުން އެކްޓިވޭޓް ވާނީ، ގަވާއިދުގެ ތެރޭގައި ހިމެނޭ ކަންކަން ފުރިހަމަކުރުމުންނެވެ. ނަމަވެސް، ހައްޖު މޫސުމުގެ ދުވަސްވަރު ކަމަށްވާ ޛުލްޤަޢިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވިސާ އެކްޓިވޭޓެއް ނުވާނެއެވެ.

ސައުދީ ހައްޖު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އާ ވިސާގެ ސަބަބުން އުމްރާ ދަތުރުތައް ރޭވުމުގައި އުމްރާވެރިންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މިއީ ޑިޖިޓަލް ޚިދުމަތްތަކާއި އޮޕަރޭޝަނަލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450