ޚަބަރު
އުތުރާއި މެދުރާއްޖެއަށް މިއަދު އާންމު މިނަށްވުރެ ހޫނު ގަދަވެއްޖެ
ސިނަމާލެ ބުރިޖު ސަރަހައްދު / ފޮޓޯ: ފަރުދުން
ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އާންމު މިނަށްވުރެ ހޫނު ގަދަވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އެންމެ ބޮޑަށް ހޫނުގަދަވިކަމަށް ރެކޯޑް ކުރެވިފައިވަނީ މާލެ ސަރަހައްދާއި ހދ. ހަނިމާދޫއަށެވެ. މާލެ ސަރަހައްދަށް މިއަދު ހެނދުނު 11:00 ހާއިރު، އިހުސާސް ކުރެވޭ ހޫނުމިން (ފީލްސް ލައިކް ޓެމްޕަރޭޗަރ) 37 ޑިގްރީ ސެލްޝިއަސްއަށް މައްޗަށް ގޮސްފައިވާއިރު، މި ހޫނުމިން މިއަދު މެންދުރުފަހު 14:00 އާއި ހަމައަށްވެސް އެއް މިންވަރެއްގައި ދެމިގެން ގޮސްފައިވެއެވެ.
ހދ. ހަނިމާދޫގެ ހޫނުމިނަށް ބަލާއިރު، މިއަދު ހެނދުނު 11:00 ގައި އެ ރަށަށް އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 34.5 ޑިގްރީ ސެލްޝިއަސްގައެވެ. ނަމަވެސް މެންދުރުފަހު 14:00 އާއި ހަމައަށް މި އަދަދު ވަނީ 37.1 ޑިގްރީ ސެލްޝިއަސްއަށް މައްޗަށް ޖެހިފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މިންގަނޑުތަކަށް ބަލާއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން 37 ޑިގްރީއަށްވުރެ ދަށުގައި ހުންނަނަމަ އެއީ އާންމު ހާލަތެވެ. އަދި 37 ޑިގްރީ އާއި 37.9 ޑިގްރީއާ ދެމެދު ހުންނަނަމަ އެއީ އާންމު މިނަށްވުރެ ހޫނުގަދަވުން ކަމަށް ބަލާއިރު، 38 ޑިގްރީ އާއި 38.9 ޑިގްރީއަކީ ހޫނު ގަދަވުމެވެ. އަދި 39 ޑިގްރީއަށްވުރެ އިހުސާސް ކުރެވޭ ފިނިހޫނުމިން މަތިވެއްޖެނަމަ އެއީ "ވަރަށް ހޫނު ގަދަވުން" ކަމަށް އެ އިދާރާއިން ކަނޑައަޅައެވެ.
ފިނިހޫނުމިން އާންމު ހާލަތަށްވުރެ އިތުރުވާނަމަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އަންނަނީ ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އަބަދުވެސް އިލްތިމާސްކޮށްފައެވެ.
އެގޮތުން، ހޫނު ގަދަ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ ގިނައިން ފެން ބުއިމަށާއި، ހަށިގަނޑަށް ފިނިކަން ލިބޭ ފަދަ ތުނި ހެދުން ބޭނުން ކުރުމަށް އެ އެޖެންސީން އިރުޝާދު ދެއެވެ. މީގެ އިތުރުން، ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ކަހަލަ ބަލި ހާލަތެއް ކުރިމަތިވާނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.