ޚަބަރު
ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކަށް ހާޒިރުވާންޖެހޭ ގޮތަށް ހަދައިފި
ބާ ކައުންސިލްގެ އިންތިހާބެއް / ފައިލް ފޮޓޯ: ބާ ކައުންސިލް
ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، އެ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން މުހިންމު ނިންމުންތަކެއް ބާ ކައުންސިލުން ނިންމައިފިއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގައި، 1 އޮގަސްޓް 2026 އިން ފެށިގެން އެ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ހުރިހާ ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކެއްގެ އިމްތިހާނުތަކަކީ ހާޒިރުވެގެން ހަދަންޖެހޭ އިމްތިހާނުތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން ބައެއް ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ހެދުމުގެ ފުރުސަތު އޮތް ނަމަވެސް، އާ އުސޫލުގެ ދަށުން ދެން އިމްތިހާނު ހަދަންޖެހޭނީ އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެންނެވެ. އަދި މި އިމްތިހާނުތައް ކުރިއަށްގެންދަން ވާނީ ކަނޑައެޅިފައިވާ ވަގުތެއްގައި، ބާ ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
އިމްތިހާނުތަކަށް ގެނައި ބަދަލުގެ އިތުރުން، ޤާނޫނީ ދާއިރާގެ ކޯސްތަކަށް ވަނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަށްވެސް ބާ ކައުންސިލުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށްޓަކައި، އައިއެލްޓީއެސް އިމްތިހާނުން 6.0 އިން މަތީގެ ސްކޯއެއް ނުވަތަ ޓޯފުލް އިން 4 އަށްވުރެ މަތީގެ ސްކޯއެއް ހޯދަންޖެހޭނެއެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ޤަބޫލުކުރާ ފައުންޑޭޝަން ޕްރޮގްރާމެއްގެ އިނގިރޭސި މޮޑިއުލްތަކުން 'ސީ' ފާހަށްވުރެ މަތީ ނަތީޖާއެއް ހޯދާފައިވުންވެސް މިހާރު ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައެވެ.
ބާ ކައުންސިލުން ހާމަކުރި ގޮތުގައި، މި ބަދަލުތަކަކީ ރާއްޖޭގައި ޤާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ބަދަލުތަކުގެ ސަބަބުން ޤާނޫނީ ދާއިރާއަށް ވަންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވެ، ރާއްޖޭގެ ޤާނޫނީ ތައުލީމު ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތިގެންދާނެ ކަމަށް އެ ކައުންސިލުން އުންމީދު ކުރެއެވެ.