ޚަބަރު
މިދިޔަ ސަރުކާރުން ހަވާލުކުރި ހައުސިން މަޝްރޫޢުތަކެއް ކުރިޔަށް ނުދާތީ އެހެން ގޮތެއް ބަލަނީ
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު / ފޮޓޯ: ޕީއެސްއެމް
ނިމިދިޔަ ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ، އެ އެއްބަސްވުންތައް ބާތިލުކޮށް އެހެން އުސޫލެއްގެ ދަށުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދޮންބޭޒް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހަނިމާދޫ އާއި ގއ. ވިލިނގިއްޔާއި، ޅ. ހިންނަވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނެއެވެ.
ޑރ. މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، އެޑްވާންސް ފައިސާ ނަގައިގެން ވެސް މަސައްކަތް ކުރިއަށް ނުދާތީ ކުޅުދުއްފުށީގެ މަޝްރޫޢު މިހާރު ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް، ދޫކޮށްފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ދޮންބޭޒް ކުންފުނިން ގިނަ މަޝްރޫއުތައް ނަގާފައިވަނީ މާކެޓު ރޭޓަށްވުރެ ކުޑަ އަގުތަކެއްގައި ކަމަށާއި، އެޑްވާންސް ފައިސާ ނެގުމަށްފަހު އެ ފައިސާއިން ކުރީ ކޮން ކަމެއްތޯ ވެސް ބަލަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާ ކަމަށާއި، އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ އެއްބަސްވުންތައް ބާތިލުކޮށް، އެހެން އުސޫލެއްގެ ދަށުން އެ މަޝްރޫއުތައް އަލުން ފަށައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
2023 ވަނަ އަހަރު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ޖުމްލަ 6 މަޝްރޫއެއް ހަވާލުކުރެވުނެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި އެހެން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ކުންފުނިން ނިންމާފައެއް ނުވެއެވެ.