ވިޔަފާރި / ޚަބަރު
އިންޑިއާ އާއި އޭޝިއާގެ މާކެޓަށް ދިވެހި ވިޔަފާރިތައް އިޝްތިހާރު ކުރުމުގެ ފުރުސަތެއް ފަހިކޮށްދީފި
ދިވެހި އުފެއްދުންތައް ވިއްކާ އޯތެންޓިކް މޯލްޑިވްސް / ފޮޓޯ: އޯތެންޓިކް މޯލްޑިވްސް
ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އިންޑިއާ އަދި އޭޝިއާ މާކެޓުގައި އިޝްތިހާރުވެ، ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލާފައިވަނީ، ހަތަރުވަނަ އެޑިޝަންގެ "އިންޑިޔާ - އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026" އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުސަތެވެ. މި މުހިންމު އެކްސްޕޯ ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 31 އިން އޯގަސްޓް 1 ގެ ނިޔަލަށް އިންޑިޔާގެ ހައިދަރުއާބާދުގައެވެ.
މި އެކްސްޕޯއަކީ ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ތަނެކެވެ. އެގޮތުން، މި އެކްސްޕޯގައި އިންޑިޔާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސަރުކާރުތަކުގެ މަންދޫބުންނާއި ޑިޕްލޮމެޓުން ބައިވެރިވާނެއެވެ. މީގެއިތުރުން ސިނާޢީ ޖަމާއަތްތަކާއި އޭޝިޔާ ސަރަހައްދުގެ 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި އެކްސްޕޯގެ ތެރެއިން ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ހެދުމުގެ ފުރުސަތުތައް ދިވެހި ކުންފުނިތަކަށް ލިބިގެންދާނެއެވެ. އަދި ތަފާތު ދާއިރާތަކަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މީގެ އިތުރުން، އިންޑިޔާގެ މެނިފެކްޗަރުންނާއި، އެކްސްޕޯޓަރުންނާއި، އިމްޕޯޓަރުންގެ އިތުރުން ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި އިންވެސްޓަރުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ހޮސްޕިޓެލިޓީ، ރިނިއުއަބަލް އެނަރޖީ، ފުޑް ޕްރޮސެސިންގ، ހެލްތު ކެއަރ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިންގ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތު މި އެކްސްޕޯއިން ލިބިގެންދާނެއެވެ.
މީގެއިތުރުން، ދިވެހި ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތްތައް ބައިނަލްއަޤުވާމީ މައިދާނެއްގައި ދައްކާލުމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ ފަރާތްތަކާ ހިއްސާކުރުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ވިޔަފާރިތައް ބައިނަލްއަޤުވާމީ ބާޒާރުތަކަށް ނެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވާލެވުނު ފުރުސަތެކެވެ.