ޚަބަރު
ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އައިނު ފިހާރަތަކުން 23،000އަށް ވުރެ ގިނަ އައިނު ދޫކޮށްފި
އެމްސީޖީއެޗް އޮޕްޓިކަލްސް---
ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.
އެމްސީޖީއެޗްއިން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރު ހޮސްޕިޓަލުތަކުގައި ހިންގާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23،847 އައިނު ވަނީ ހައްދައިދީފައެވެ.
މި ޚިދުމަތް މިހާތަނަށް ސަރުކާރުގެ 4 ހޮސްޕިޓަލެއްގައި ވަނީ ޤާއިމުކޮށްފައެވެ. އެއީ މާލޭގެ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އައިނު ހައްދާފައިވަނީ މާލެ ސަރަޙައްދުގެ ހޮސްޕިޓަލުތަކުންނެވެ. އެގޮތުން އައިޖީއެމްއެޗްއަށް 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ވަނީ ހަވާލުކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލަށް 8,934 އޯޑަރު ލިބިފައިވާއިރު، 8,247 އައިނު ވަނީ ހަވާލުކޮށްފައެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ހަވާލުކޮށްފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ލިބުނު 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހަވާލުކޮށްފައެވެ.
"އެމްސީޖީއެޗް އޮޕްޓިކަލްސް" ގެ ޚިދުމަތަކީ އާސަންދައިގެ ދަށުން އަގުހެޔޮކޮށް ރައްޔިތުންނަށް އައިނު ހެއްދޭނެ މަގު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ފެށިގެންދިޔަ މުހިންމު ޚިދުމަތެކެވެ. މީގެކުރިން އާސަންދައިގެ ތެރެއިން އައިނު ހެއްދުމަށް ދެމުންދިޔައީ ކޮންމެ ދެ އަހަރަކުން 1,000 ރުފިޔާ ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު ވަނީ 2,000 ރުފިޔާއަށް އިތުރުކޮށްފައެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، 15 ޖެނުއަރީ 2026 އިން ފެށިގެން އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ 18 ތަނަކުންވެސް، ސަރުކާރުން ކަނޑައަޅާ އުސޫލުގެ ދަށުން އައިނު ހެއްދޭނެކަން އާސަންދަ ކުންފުނިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅެކެވެ.