ޚަބަރު
އައްޑޫ އެއަރޕޯޓުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ގަން އެއަރޕޯޓުން ވަނީ 5.5 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައި---
ގަން އިންޓަނޭޝަނަލް އެއަރޕޯޓުން، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ 18 ޖުލައި 2026 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން، އެމީހުންގެ ލަގެޖް ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ފަސިންޖަރުންގެ ލަގެޖުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 5540 ގްރާމް (5.5 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު ދެ މީހުން މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން ވަނީ ވަރުގަދަކޮށްފައެވެ. މިގޮތުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ޚާއްޞަ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.