ވިޔަފާރި / ޚަބަރު
އިންޑިއާގައި ބާއްވާ ބައިނަލްއަޤުވާމީ ވިޔަފާރި އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހި އުފެއްދުންތައް ވިއްކާ އޮތެންޓިކް މޯލްޑިވްސް
އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ބޮޑު އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރި ކުންފުނިތަކަށް މި ފުރުސަތު ހުޅުވާލާފައިވަނީ، ހަތަރުވަނަ އެޑިޝަންގެ "އިންޑިޔާ - އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2024" އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2024" ގައި ބައިވެރިވުމަށެވެ. ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމްގެ ފަރާތުން އިންތިޒާމްކުރާ މި ހަރަކާތް ކުރިއަށްދާނީ މި ޖުލައި މަހުގެ 31 އިން އޯގަސްޓް 1 ގެ ނިޔަލަށް އިންޑިޔާގެ ހައިދަރުއާބާދުގައެވެ.
އިންޑިޔާ-އޭޝިޔާ ބިޒްނަސް ކޮންކްލޭވްއަކީ މި ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެންމެ ވަރުގަދަ އެއް ޕްލެޓްފޯމެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އޭޝިޔާ ސަރަހައްދުގެ 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ސަރުކާރުތަކުގެ މަންދޫބުންނާއި، ޑިޕްލޮމެޓުންނާއި ސިނާޢީ ޖަމާއަތްތައް ހިމެނޭ ކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ކޮންކްލޭވްގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް ގިނަގުނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި:
- ވިޔަފާރި ނެޓްވޯކިންގް ފުރުސަތުތަކާއި އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުސަތުތައް ހޯދުން.
- ސެކްޓަރ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުން.
- އިންޑިޔާގެ މެނިފެކްޗަރުންނާއި، އެކްސްޕޯޓަރުންނާއި، އިމްޕޯޓަރުން އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ބައްދަލުކުރުން.
- ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި ދޭ ޚިދުމަތްތައް ބައިނަލްއަޤުވާމީ މާކެޓަށް ދައްކާލުން.
މީގެ އިތުރުން، ފަތުރުވެރިކަމާއި، އިންފްރާސްޓްރަކްޗަރ، ހޮސްޕިޓެލިޓީ، އިއާދަކުރަނިވި ހަކަތަ، ފުޑް ޕްރޮސެސިންގ، ހެލްތު ކެއަރ، އެޑިއުކޭޝަން އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުވެސް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Maldivian businesses are invited to participate in the India–Asia Business Conclave 2026 and Eco Sustain Expo 2026, taking place in Hyderabad, India, from 31 July–1 August 2026.
— Ministry of Economic Development,Transport & Trade (@MoEDmv) July 20, 2026
For more info, visit: https://t.co/7GuiU3MYtW pic.twitter.com/LLgs5qFw1X