ދީން / ދުނިޔެ
19 ވަނަ ގަރުނުގެ ޤުރުއާން ކެލިގްރަފީއެއް ދައްކާލައިފި
ޤުރުއާން ކެލިގްރަފީ ފޮޓޯ: ސަޖާނާ
ސައުދީ އަރަބިއްޔާގެ ތާރީޚީ ސިޓީއެއް ކަމަށްވާ ޖިއްދާގައި ހުންނަ 'ރެޑް ސީ މިއުޒިއަމް' ގައި، 19 ވަނަ ގަރުނަށް ނިސްބަތްވާ ވަރަށް ފަންނުވެރި ޤުރުއާން ކެލިގްރަފީއެއް ދައްކާލައިފިއެވެ.
މި ފަންނީ މަސައްކަތަކީ މީލާދީން 1859 އާއި 1860 އާ ދެމެދު އިންޑިއާގެ މައިސޫރުގައި ގައުތު މަހްބޫބް ޣާލިބް ނަމަކަށް ކިޔާ ފަންނުވެރިއަކު ތައްޔާރުކޮށްފައިވާ އާދަޔާޚިލާފު މަސައްކަތެކެވެ. އެންމެ ސޮފްހާއެއްގެ މައްޗަށް އެކުލެވޭ މި ކުރެހުމުގައި މާތްވެގެންވާ ކައުބަތުﷲ ގެފުޅާއި މަސްޖިދުލް ހަރާމްގެ ކުރެހުންތައް ހިމަނާފައިވާއިރު، މުޅި ކީރިތި ޤުރުއާން އެއްކޮށް އެ ކުރެހުންތަކުގެ ތެރޭގައި ލިޔެފައިވެއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 'ދީވާނީ' އަކުރުން ، ކަޅު ދެއްޔާއި ރަން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ލިޔުމުގެ މެދުގައި ވަނީ ކައުބަތުﷲ ގެފުޅެވެ. ވަރަށް ފަރުވާތެރިކަމާއެކު ލިޔެފައިވާ މި ލިޔުން ފެށެނީ ސޫރަތުލް ފާތިހާއިންނެވެ. އެއަށްފަހު މިސްކިތުގެ ބިނާގެ އެކި ބައިތަކުގެ ތެރެއިން ލިޔުންތައް ކުރިއަށް ގޮސް، ނިމެނީ ސޫރަތުއް ނާސްއަށެވެ.
މި އާސާރީ ފަންނުވެރިކަމަކީ ރަތްކަނޑު ހުރަސްކޮށް މައްކާއަށް ހައްޖުގެ އަޅުކަމަށް ދަތުރުކުރި މީހުންގެ ތާރީޚާއި، އެމީހުންގެ ދަތުރުތަކުގެ ތެރެއިން އުފެދިފައިވާ ސަގާފީ ތަރިކަ ދައްކުވައިދޭ މުހިންމު ހެއްކެކެވެ. މިއީ ހައްޖުގެ މަތިވެރި އަޅުކަމާއި ގުޅިފައިވާ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދައްކުވައިދިނުމަށް ލިބުނު އަގުހުރި ކުރެހުމެކެވެ.